Tuesday, 28 July 2026
ހއ. ދިއްދޫ - ޒުވާން މަސްވެެރިޔާ

ދިއްދޫ އެއާޕޯޓް މަޝްރޫއު: 21 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކައިފި

ހއ. ދިއްދޫގައި އެއާޕޯޓް އެޅުމަށްޓަކައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފިއެވެ. މިއީ މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ ސަރަހައްދުގެ 18.75 އިންސައްތައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ދިއްދޫގެ ފަޅުން ޖުމްލަ 115 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު މިހާރު ބާރު މިނުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މި މަސައްކަތުގައި ބޭނުންކުރަމުންދަނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ލެއިވް އެރިކްސަން" އެވެ. 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ މި ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރަކީ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ގެނައި ތިންވަނަ ޑްރެޖަރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުގެ ތަރައްގީއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާޕޯޓް މަޝްރޫއަކީ ދިއްދޫގެ އިތުރުން މުޅި އަތޮޅުގެ މެދު ރާސްތާ އަދި ދުރު ރާސްތާގެ ތަރައްގީއަށް އޮތް އެންމެ މުހިންމު އެއް މަޝްރޫއެވެ.

މި މަޝްރޫއު ނިމުމުން ދިއްދޫގެ މިހާރުގެ ބޮޑުމިނުގެ ދެގުނައަށްވުރެ ބޮޑު ސަރަހައްދެއް އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން ދިއްދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *