Tuesday, 28 July 2026
ޑރ. އައިޝަތު ޝިހާމް

ވަޒީފާ ލިބުނަސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ކަނޑައެއް ނުލާނެ: މިނިސްޓަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އިނާޔަތަކީ ވަޒީފާއެއް ލިބުނު ކަމުގައިވިޔަސް ކަނޑާލާނެ އެއްޗެއް ނޫން ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ "ތަރުޖަމާނާއެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އިނާޔަތަކީ ގާނޫނުން ރައްކާތެރިކޮށްދީފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން، އެހެން އާމްދަނީއެއް ނުވަތަ މަންފާއެއް ލިބުނު ނަމަވެސް އެ އިނާޔަތް މެދުނުކެނޑި ލިބެމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސިވިލް ސާވިސްގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުގެ ދަށުން ދައުލަތުގެ އެކި އިދާރާތަކާއި، ކައުންސިލްތަކާއި، މުއައްސަސާތަކުން ވަޒީފާ ދެވޭނެ ނިޒާމުތައް މިހާރު ވަނީ ގާއިމުކުރެވިފައެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުން 350 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ވަނީ ދީފައެވެ. އަދި މި ޕްރޮގްރާމް މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި، އިތުރު ފުރުސަތުތައް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ މުސާރައަކީ އެހެން މުވައްޒަފުންނާ އެއްވަރުގެ މުސާރައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. "ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން މުސާރައިގެ އެއްވެސް ތަފާތެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ ސަބަބުން އެފަރާތްތަކަށް އާއިލާގެ ހަރަދުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *