Tuesday, 28 July 2026
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކެއްގައި ސީޕްލޭން ކައުންޓަރުތައް - އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކެއްގައި ސީޕްލޭން ކައުންޓަރުތަކުގެ ހިދުމަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް، ޓާމިނަލް އެކެއްގައި ސީޕްލޭންގެ ހިދުމަތްތައް ރަސްމީކޮށް ފަށައިފިއެވެ. މި ބަދަލާއެކު ސީޕްލޭންގައި ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ ޗެކް-އިން ކައުންޓަރުތަކާއި، ފަސިންޖަރުން އުފުލުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ ސީޕްލޭން ޗެކް-އިން ކައުންޓަރުތަކުން މިހާރު ހިދުމަތް ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން، ޓާމިނަލް އެކަކުން ސީޕްލޭން ޓާމިނަލަށް ފަސިންޖަރުން އުފުލުމަށް ހާއްސަ ބަސް ރޫޓުތަކެއް ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ އެރައިވަލް ގޭޓް 4 ގެ ދެކުނު ޕާކިން ޒޯނަކީ ހަމައެކަނި ސީޕްލޭން އޮޕަރޭޓަރުންނާއި އެމްއޭސީއެލްގެ ސްޓާފް ބަސްތަކަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދަށް ހުއްދަ ނެތި ވަނުމާއި، ނުކުތުމާއި، އަދި އުޅަނދުތަކުގެ ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

ޓާމިނަލް އެކެއްގައި ސީޕްލޭން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ޖުމްލަ 24 ޗެކް-އިން ކައުންޓަރު ވަނީ ހާއްސަކޮށްފައެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ނެޓްވޯކް އޮޕަރޭޓްކުރާ ރާއްޖޭގައި، މި އާ ވަސީލަތްތަކުގެ ސަބަބުން ފަސިންޖަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އޮޕަރޭޝަނަލް އެފިޝަންސީ އިތުރުވެގެންދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކެއް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 41 އެއާލައިނަކުން ވަނީ އެ އެއާލައިންތަކުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *