ސިވިލް ކޯޓުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު އެ ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު 23 އިންސައްތަ ވަނީ އިތުރުވެފައެވެ. މިއީ އެ ކޯޓުގެ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ސިވިލް ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު (2010) ގެ ދަށުން އުފައްދާފައިވާ ސުޕީރިއަރ ކޯޓެކެވެ. އާއިލީ މައްސަލަތައް ފިޔަވައި، މަދަނީ ހުރިހާ މައްސަލައެއް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިގެންވަނީ މި ކޯޓަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ 5,142 މައްސަލައެވެ. ނަމަވެސް 2025 ވަނަ އަހަރު މި އަދަދު ވަނީ 5,680 އަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 10.46 އިންސައްތައިގެ އިތުރުވުމެކެވެ. މައްސަލަ ނިންމި އަދަދަށް ބަލާއިރު، 2024 ވަނަ އަހަރު 5,432 މައްސަލަ ނިންމާފައިވާއިރު، 2025 ވަނަ އަހަރު އެ ކޯޓުން ވަނީ ޖުމްލަ 6,718 މައްސަލަ ނިންމާފައެވެ.
މީގެ އިތުރުން، އިޖުރާއީ އަދި އިހުތިސާސީ ނިންމުންތަކުގެ އަދަދު 2024 ވަނަ އަހަރު ހުރި 135 އިން 2025 ވަނަ އަހަރު 126 އަށް ވަނީ ކުޑަކޮށް ދަށްވެފައެވެ. ނަމަވެސް، ވަގުތީ އަމުރުތަކާއި ކޯޓުގެ އެހެނިހެން އަމުރުތަކުގެ އަދަދު ވަނީ 2024 ވަނަ އަހަރު ހުރި 103 އިން 2025 ވަނަ އަހަރު 166 އަށް އުފުލިފައެވެ.
މި ތަފާސްހިސާބުތަކުން ހާމަވާގޮތުގައި، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް، މައްސަލަތައް ނިންމުމުގައި އެ ކޯޓުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.


