ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން، މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މި މަސައްކަތުގައި ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި، ފުލުހުންގެ އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.މި އޮޕަރޭޝަނުގެ ތެރެއިން، ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ވެސް މި އޮޕަރޭޝަނުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުންގެ މި ހާއްސަ އޮޕަރޭޝަނަކީ ރާއްޖޭގައި ހިންގާ މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް ރޫޅާލުމަށާއި، އެފަދަ ޖަރީމާތަކުން ހޯދާ ފައިސާ ދައުރުކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.


