Tuesday, 28 July 2026
ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި އިސްލާމީ އެއްބާރުލުންދޭ ޖަމިއްޔާ - މިނިސްޓްރީ އޮފް ފޮރެއިން އެފެއަރޒް

ކުދި ގައުމުތަކުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ފޮރިން މިނިސްޓަރު ގޮވާލައްވައިފި

ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅިގެން، ކުދި ގައުމުތަކުގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޚަލީލް މިފަދައިން ގޮވާލެއްވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި އިސްލާމީ އެއްބާރުލުންދޭ ޖަމިއްޔާ (އޯ.އައި.ސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 22 ވަނަ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ އިސްރާއީލުން ސޯމާލީލޭންޑް ބަލައިގަތުމާ ގުޅިގެން އުފެދިފައިވާ މަސްރަހާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަން އަންނަ، އަދި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކަށް ބުރޫއަރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ގާޒާގައި ހަނގުރާމަ ހުއްޓާލާފައިވާ ދަނޑިވަޅެއްގައިވެސް އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ނުކުރާކަން މި އަމަލުން ހާމަވާ ކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ކެނޑިގެން ދިއުމަކީ، ރާއްޖެ ފަދަ ބައިނަލްއަގުވާމީ އުސޫލުތަކުގެ މައްޗަށް ބަރޯސާވާ ކުދި ގައުމުތަކުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީގެ މެންބަރެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަކީ އެ ޖަމިއްޔާގެ ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރާ ގައުމެކެވެ. 57 މެންބަރު ގައުމު ހިމެނޭ އޯ.އައި.ސީއަކީ މުސްލިމް އުންމަތަށް ދިމާވާ ގޮންޖެހުންތަކާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *