ރާއްޖޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ދެނެގަނެ، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކަމާބެހޭ އިދާރާތަކުން ފަސް ތަނެއް ބަލައި ފާސްކޮށް، ދެ ތަނެއް ބަންދުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން، ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ދެ ތަނެއް ބަންދުކުރުމުގެ ކުރިން ވަނީ ނޯޓިސް ދީފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ އާންމު ނިޒާމު ހިފެހެއްޓުމާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމެވެ.
ހޯމް އެފެއާޒް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 9,691 ބިދޭސީން ވަނީ ޑިޕޯޓްކޮށްލާފައެވެ. މީގެ ތެރޭގައި ބަޔޯމެޓްރިކް މައުލޫމާތު ފުރިހަމަނުކުރި 509 ބިދޭސީން ހިމެނެއެވެ.
ކަމާބެހޭ އިދާރާތަކުން ބުނީ އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހިންގާ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.


