Wednesday, 29 July 2026
ލ. ގަމުގެ ގިރާ ސަރަހައްދުގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތް - އެމްޓީސީސީ

ލ. ގަމުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް

ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ލ. ގަމުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ ގްރޮއިން ޕްރޮފައިލް ކުރުމާއި ބެކްފިލިންގް ނުވަތަ ވެލި އެޅުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މި މަޝްރޫއުގެ ދަށުން 30 މީޓަރުގެ ރިވެޓްމަންޓަކާއި 260 މީޓަރުގެ ގްރޮއިން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގަމުގެ އުތުރު ފަރާތު ބަނދަރު ސަރަހައްދު ގިރުމުން ސަލާމަތްކުރުމަށްޓަކައި 10,007 ކިއުބިކް މީޓަރުގެ ވެލި އެ ސަރަހައްދަށް އެޅުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކަށް ޖުމްލަ 3.4 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ. މިއީ ތިމާވެށީގެ ރައްކާތެރިކަމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

ލ. އަތޮޅުގެ އެންމެ ބޮޑު މީހުން ދިރިއުޅޭ ރަށް ކަމަށްވާ ގަމުގައި މިހާރުވެސް ތައުލީމީ، ސިއްހީ އަދި އަސާސީ ހިދުމަތްތަކާ ގުޅޭ ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ދަނީ ހިނގަމުންނެވެ. ސަރުކާރުން ކުރިއަށްގެންދާ މި ތަރައްގީގެ މަސައްކަތްތަކާއި ރަށުގެ ގުދުރަތީ ރީތިކަމުގެ ސަބަބުން، ޗުއްޓީ ދުވަސްވަރު ގަމަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *