އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ ގްރީންލޭންޑް އެމެރިކާގެ މިލްކަކަށް ހެދުމަށް ގެންގުޅުއްވާ ރޭވުން އަލުން ތަކުރާރު ކުރައްވައިފިއެވެ. ވައިޓް ހައުސްގައި ތެޔޮ ކުންފުނިތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޗައިނާ އާއި ރަޝިޔާގެ އުންމީދުތައް ހުއްޓުވުމަށްޓަކައި އެމެރިކާއިން އެ ސަރަހައްދު މިލްކުކުރުން މުހިންމު ކަމަށެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑުގައި މިހާރު އޮތް އެމެރިކާގެ އަސްކަރީ ބާރުވެރިކަން އިތުރުކުރުމުގެ ބަދަލުގައި އެ ތަން މިލްކުކުރަން ބޭނުންވަނީ "ގައުމުތަކުން މިލްކުވެރިކަން ދިފާއުކުރާނެތީ" ކަމަށެވެ. "އަހަރެމެން އެކަން ނުކޮށްފިނަމަ، ޗައިނާ ނުވަތަ ރަޝިޔާ އެކަން ކުރާނެ. އެ ފުރުސަތެއް ނުދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.
ވެނެޒުއޭލާގެ ތެޔޮ ސިނާއަތާ ގުޅޭގޮތުން ބޭއްވި މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ވެނެޒުއޭލާގެ މަސްރަހާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ވެނެޒުއޭލާގައި މަސައްކަތްކުރާ އެމެރިކާގެ ކުންފުނިތަކަށް ސަލާމަތީ ކަންކަން ކަށަވަރުކޮށްދޭނެ ކަމަށާއި، އެ ގައުމުގެ އައްސޭރިފަށުގައި އޮތް އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑު ފައުޖުން އިންވެސްޓްމަންޓްތައް ހިމާޔަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯއާ އަންނަ ހަފުތާގައި ވޮޝިންޓަނުން ބައްދަލުކުރައްވާނެ ކަމަށް ވެސް ޓްރަމްޕް އިއުލާންކުރެއްވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ވެނެޒުއޭލާ މިހާރު ވަނީ އެމެރިކާގެ ބައިވެރިއަކަށް ވެފައެވެ. އަދި އެ ގައުމުގައި ހަރަކާތްތެރިވާނެ ކުންފުނިތައް ނިންމާނީ ވެސް އެމެރިކާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ މުޒާހަރާތަކަށް އޭނާ ތާއީދުކުރައްވާ ކަމަށާއި، އެ ގައުމުގެ ހާލަތު އިތުރަށް ގޯސްވެ އަނިޔާވެރިކަން އިތުރުވާނަމަ އެމެރިކާއިން އެކަމުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ވެސް ވަނީ ދެއްވާފައެވެ.
ގްރީންލޭންޑް މިލްކުކުރުމުގެ ވާހަކަތަކާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ގްރީންލޭންޑުގެ ރައްޔިތުންނާ ސުވާލުކުރުމުން ގިނަ ބަޔަކު ބުނެފައިވަނީ އެމީހުން ބޭނުންވަނީ އެއްވެސް ބައެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު އުޅުމަށް ކަމަށެވެ.


