ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި، ވޭތުވެދިޔަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް ހަ ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން މިހާތަނަށް 55 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމެވެ. އެއްވެސް ހުރަހެއް ކުރިމަތިނުވާނަމަ، ތާވަލާ އެއްގޮތަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
2023 ވަނަ އަހަރު ފެށި މި މަޝްރޫއަށް އެކި ސަބަބުތަކާހުރެ މެދުކެނޑުންތަކެއް އައި ނަމަވެސް، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ވަނީ އަލުން މަސައްކަތް ފަށާފައެވެ. މަސައްކަތް އަވަސްކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދެ ބޮޑު ކޮނެލުމުގެ އުޅަނދު (ޑްރެޖަރު) ބޭނުންކުރަން ފަށާފައެވެ.
މީގެ ތެރޭގައި ބޮސްކާލިސް ކުންފުނީގެ 'ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު' ހިމެނެއެވެ. މި އުޅަނދުން މަސައްކަތް ކުރަން ފަށާފައިވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މި އުޅަނދުގެ އެހީގައި ބިން ހިއްކުމުގެ ފަހު މަރުހަލާގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.


