ސްރީލަންކާގެ މެދުތެރޭގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ނުވަރައެލިޔާގެ ގްރެގަރީ ލޭކަށް ސީޕްލޭނެއް ވެއްޓި ހާދިސާއެއް ހިނގައިފިއެވެ. ސެފްރަން އޭވިއޭޝަނުން އޮޕަރޭޓްކުރާ ސިނަމަން އެއާގެ މި ބޯޓު ވެއްޓުނީ މިއަދު މެންދުރު 12:30 ހާއިރު އެ ފެންގަނޑަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތް ކަމަށާއި، ބޯޓުގައި ތިބީ ދެ ޕައިލެޓުން އެކަނި ކަމަށް އެ އެއާލައިނުން ވަނީ ކަށަވަރުކޮށްދީފައެވެ. ބޯޓު ވެއްޓުމާއެކު ރިލީފް ޓީމުތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ ދެ ޕައިލެޓުން ސަލާމަތްކޮށްފައެވެ. އެމީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ލިބިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ސެސްނާ 208 ކެރަވަން އެމްފިބިއަން މަރުކާގެ މި ބޯޓު ވެއްޓުނީ ފަތުރުވެރިން ބަލާ ދަތުރުކުރަނިކޮށް، ގަދަ ވަޔާ ގުޅިގެން ފެންގަނޑަށް ޖެއްސި ވަގުތު ބޯޓު ފުރޮޅާލައިގެންނެވެ. މި ހާދިސާއާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ސްރީލަންކާއިން މިހާރު ވަނީ ތަހުގީގު ޓީމެއް އެ ސަރަހައްދަށް ފޮނުވާފައެވެ. ބެލެވޭ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ސެފްރަން އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މިއަދު ހިނގި މި ހާދިސާގައި ބޯޓުގެ ހުރިހާ ފަޅުވެރިން ސަލާމަތުން އެބަތިބި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން ކަށަވަރުކޮށްދޭ" ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.


