ކ.ގަމަރުގިރި ކައިރިން ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި މި ދޯނީގައި އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 19:27 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ އެކޯ-9 އަލިފާން ނިއްވާ ލޯންޗުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި، މި ދޯނީގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަމުން 01:00 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި ތިން މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އަލިފާން ނިއްވާލުމަށްފަހު، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިހާރު ވަނީ އެ ދޯނި ތިލަފުއްޓަށް ވައްދާފައެވެ.


