ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ބަހައްޓާ ފޮށިތަކުގެ ތަފްސީލް އެ ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، އަތޮޅުތެރޭގައި 321 ވޯޓު ފޮށި އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި އަތޮޅުތެރޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން 240 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށްޓާއި، ޖަލުތަކުގައި 5 ފޮށި އަދި ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ދެ ޤައުމެއްގައި، ސްރީލަންކާ އަދި މެލޭޝިއާގައި، ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ 294,937 އެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ކެމްޕޭން ހަރަކާތްތައް ފަށާފައެވެ. އެގޮތުން ސަރުކާރު ހިންގާ ޕީއެންސީން މިދިޔަ ޑިސެމްބަރު މަހު ޕްރައިމަރީ ބާއްވާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 16 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.


