Tuesday, 28 July 2026
ރައީސް ޑޮނަލްޑް ޓްރަމްޕް - ބީބީސީ

ޔޫއެންގެ ބައިނަލްއަގުވާމީ 66 ޖަމިއްޔާއިން ވަކިވާން އެމެރިކާއިން ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫއެންގެ ބައިނަލްއަގުވާމީ 66 ޖަމިއްޔާއިން އެމެރިކާ ވަކިވުމަށް ނިންމަވައި އެކަން އިޢުލާނު ކުރައްވައިފިއެވެ. މި ނިންމުމާއެކު އެ ޖަމިއްޔާތަކަށް އެމެރިކާއިން ދެމުންދާ ހުރިހާ އެހީތަކާއި ބައިވެރިވުންތައް ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.

ވައިޓް ހައުސްއިން ކުރިއަށް ގެންދިޔަ ރިވިއުއަކަށްފަހު މި ނިންމުން ނިންމާފައިވަނީ، އެ އިދާރާތަކަކީ އެމެރިކާގެ މަސްލަހަތާ ފުށުއަރާ އިދާރާތަކެއް ކަމަށް ބުނެއެވެ. މިގޮތުން ވަކިވާން ނިންމާފައިވާ އިދާރާތަކުގެ ތެރޭގައި ޔޫއެންގެ 31 އިދާރާއަކާއި، ޔޫއެންގައި ނުހިމެނޭ ބައިނަލްއަގުވާމީ 35 ޖަމިއްޔާއެއް ހިމެނެއެވެ.

ވަކިވާން ނިންމާފައިވާ މުހިންމު އިދާރާތަކުގެ ތެރޭގައި ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ޔޫއެންއެފްޕީއޭ، އަދި ޔޫއެން ޑިމޮކްރަސީ ފަންޑު ހިމެނެއެވެ. މީގެ އިތުރުން އިންޓަގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް އާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ އެކި ޖަމިއްޔާތައްވެސް މި ލިސްޓުގައި ހިމެނެއެވެ.

މި ނިންމުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި، ސިއްހަތު، ސުލްހަ، އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ފޯރުކޮށްދޭ އެހީތަކަށް މީގެ އަސަރު ކުރާނެއެވެ. އެކުވެރި ދައުލަތްތަކުން ބުނީ މިކަމާ ގުޅޭގޮތުން ރަސްމީ ޖަވާބެއް ވަރަށް އަވަހަށް ދޭނެ ކަމަށެވެ.

ރަސްމީ އިދާރާތަކުން ވަކިވި ނަމަވެސް، ޓްރަމްޕް ގެންދަވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށްގެން ޔޫއެންގެ ތެރޭގައި އެމެރިކާގެ ނުފޫޒު ދަމަހައްޓަމުންނެވެ. ޚާއްސަކޮށް އިޒްރޭލާއި ގާޒާގެ މައްސަލައިގައި ސެކިއުރިޓީ ކައުންސިލްގައި އެމެރިކާއިން ގެންދަނީ މި ބާރުތައް ބޭނުންކުރަމުންނެވެ.

ޓްރަމްޕްގެ ދެވަނަ ދައުރު ފެށުމާއެކު، މީގެ ކުރިން ޖޯ ބައިޑަންގެ ސަރުކާރުން އަލުން ގުޅުނު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޕެރިސް ކްލައިމެޓް އެގްރީމަންޓުންވެސް އެމެރިކާ ވަނީ ވަކިވެފައެވެ. ޑަބްލިއުއެޗްއޯ އިން އެމެރިކާ ވަކިވުން ރަސްމީކޮށް ހިނގާނީ ޖެނުއަރީ 22، 2026 ގައެވެ. މިއީ އެ ޖަމިއްޔާގެ ބަޖެޓުގެ 18 އިންސައްތަ ހިއްސާކުރާ ގައުމު ކަމަށްވާތީ، މިއީ އެ ޖަމިއްޔާއަށް ލިބޭނެ ބޮޑު ދެރައެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *