މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން ބަޔަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، މާލޭގެ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބިދޭސީ ފަސް ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ނޭޕާލަށް ނިސްބަތްވާ ޑިއު ކުމަރް މެޔޮންގްބަ (30އ)، ސުމަން އަދިކަރި (26އ)، ރާމްޖި ޕަރިޔަރް (38އ)، ބިކްރަމް ނެޕަލި (27އ) އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮޒައްމެލް (43އ) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި އެންމެން ވެސް މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.


