Tuesday, 28 July 2026
ބައްސާމް ޝަރީއަތުގެ މަޖިލީހުގައި --

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ: އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައިފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް ކަމަށް ބުނާ މައްސަލައިގައި، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެފްއޭއެމްގެ ކޮރަޕްޝަންގެ މި މައްސަލައިގައި ދައުލަތުން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގްއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި އެ ކުންފުނީގެ އިތުރުން އެފްއޭއެމްގެ ފައިނޭންސް ޑިޕާޓްމަންޓުގެ ކުރީގެ އިސްވެރިޔާ މުހައްމަދު އަގީލާއި، ހަސަން ވަހީދު ކިޔާ މީހެއްގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިންގްއަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައެވެ.

މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު މިއަދު ކުރެއްވި ހުކުމުގައި ވަނީ، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކުރި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

ޝަރީއަތުން ފާހަގަކުރި ގޮތުގައި، ކަރަންސީ އެކްސްޗޭންޖް ކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެން އޮތް ނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ހަސަން ވަހީދާ ހަވާލުކޮށްފައިވާކަން ހެކިތަކުން އެނގެއެވެ. ދައުލަތުން ބުނަމުންދިޔައީ އެ ފައިސާ އެފްއޭއެމްއަށް އަނބުރާ ދެއްކިކަން ދެއްކުމަށް އަމީން ކޮންސްޓްރަކްޝަނުން ކޭޝް ވައުޗަރުތަކެއް ތައްޔާރުކުރި ނަމަވެސް، އެ ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ވަދެފައި ނުވާ ކަމަށެވެ. ނަމަވެސް އަމީން ކޮންސްޓްރަކްޝަނުން ބުނެފައިވަނީ ފައިސާ ހަވާލުކުރުމަށްފަހު އެ ފައިސާއަށް ވީގޮތެއް ބެލުމަކީ އެ ކުންފުނީގެ ޒިންމާއެއް ނޫން ކަމަށާއި، ބައްސާމްގެ އެޕާޓްމަންޓަށް ފައިސާ ދެއްކުމުގައި އެ ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

އަމީން ކޮންސްޓްރަކްޝަން މި މައްސަލައިން ބަރީއަވި ނަމަވެސް، ހަމަ މި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކުރިން ނިންމާފައެވެ. ގާޒީ ފާހަގަކުރެއްވި ގޮތުގައި އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށާއި، ބައްސާމް ޕެންޓްހައުސް ގަތުމަށް ބޭނުންކޮށްފައިވަނީ އެ ފައިސާއާ އެއްވަރުގެ އަދަދެއްގެ ފައިސާއެވެ.

މި މައްސަލައިގައި ދެން ހިމެނޭ އަގީލް އަދި ހަސަން ވަހީދުގެ މައްޗަށް ކޯޓުން އަދި ހުކުމެއް ނުކުރެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބައްސާމް އަދީލް ޖަލީލް މިހާރުވެސް ގެންދަވަނީ އެފްއޭއެމްގެ 10،000 ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައެއްގައި އިއްވާފައިވާ 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *