Tuesday, 28 July 2026
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

އެމްޕީއެލްގެ 2024 ވަނަ އަހަރުގެ ބޯނަސް ދޭނެ ތާރީޚެއް މި މަހު ކަނޑައަޅަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަހަރީ ބޯނަސް މުވައްޒަފުންނަށް ދޫކުރާނެ ސީދާ ތާރީޚެއް މި މަހުގެ ތެރޭގައި ކަނޑައެޅިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޯނަސް ދިނުން ލަސްވުމާ ގުޅިގެން ކުންފުނީގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާދަވެގެން ކޮންމެ އަހަރަކުވެސް އެމްޕީއެލްގެ އަހަރީ ދުވަސް ކަމަށްވާ ސެޕްޓެންބަރު 15 އާ ދިމާކޮށް ވޭތުވެދިޔަ އަހަރުގެ ބޯނަސް ދޫކުރި ނަމަވެސް، 2024 ވަނަ އަހަރުގެ ބޯނަސް މިހާތަނަށް ދީފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާން ނެރުއްވި މެމޯއެއްގައި ބަޔާންކުރައްވާފައިވަނީ، ބޯނަސް ދިނުން ލަސްވީ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބޭއްވުން ލަސްވުމުގެ ސަބަބުން ކަމަށެވެ.

ސީއީއޯ ރިޝްވާން ވިދާޅުވި ގޮތުގައި، މި މަހުގެ ތެރޭގައި އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ. "މުވައްޒަފުންނަށް ބޯނަސް ދޫކުރާނެ ސީދާ ތާރީޚެއް ކަނޑައެޅިގެންދާނީ އެ ޖަލްސާއަށް ފަހުގައި" ކަމަށް އޭނާ ވިދާޅުވިއެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު އެމްޕީއެލްއަށް އާމްދަނީގެ ގޮތުގައި 860.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާއަކީ 27.8 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 21.7 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. ފައިދާ ދަށްވުމަކީ ބޯނަސް ދިނުމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މާލެ، އައްޑޫ އަދި ކުޅުދުއްފުށީގެ ބަނދަރުތައް ބަލަހައްޓާ މި ކުންފުނީގައި ގާތްގަނޑަކަށް 2,000 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް އެންމެ އެކަށީގެންވަނީ 1,200 އެއްހާ މުވައްޒަފުންނެވެ. މި މަހު ބާއްވާ އަހަރީ އާއްމު ޖަލްސާއަށް ފަހު ބޯނަސްއާ މެދު ވަކި ގޮތެއް ނިމިގެންދާނެ ކަމަށް މުވައްޒަފުން އުއްމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *