Tuesday, 28 July 2026
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު

ރޯދަމަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަނީ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކޮށް، އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަލަށް ފެށި 'ސްޕޯކްސްޕާސަން ޕޮޑްކާސްޓް' ގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ގައުމީ ލިސްޓަށް އިތުރު 23 ބާވަތެއް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށުގެ އިތުރުން 10 ބާވަތެއްގެ ތަރުކާރީ އާއި 10 ބާވަތެއްގެ މޭވާ އަދި އިތުރު ތިން ބާވަތެއް ހިމެނެއެވެ.

މި ބާވަތްތައް މުޅި ރާއްޖެއަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ޒިންމާ މިހާރު ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން އެސްޓީއޯ އިން ވަނީ މާލޭ ވިޔަފާރި ބަނދަރުގައި ހޯލްސޭލް އައުޓްލެޓެއް ހުޅުވާފައެވެ. އަދި ރޯދަމަހުގެ ކުރިން ހުޅުމާލޭގައި އައު ފިހާރައެއް ހުޅުވުމަށް ވެސް ވަނީ ރޭވިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަކެތި ފޯރުކޮށްދިނުމަށްޓަކައި، 3،000 އަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް ދަތިނުވާނެހެން، ރީޓެއިލް ވިޔަފާރީގެ ބަދަލުގައި ހޯލްސޭލްކޮށް މުދާ ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން، ތަކެތީގެ އަގުތައް މޮނިޓަރ ކުރުމަށްޓަކައި 162 އަސާސީ ބާވަތެއްގެ އަގު ކޮންމެ ދުވަހަކު ބަލަމުންދާނެ 'ޕްރައިސް އިންޑެކްސް' އެއް މިހާރު ވަނީ އެކުލަވާލާފައެވެ. މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ރަސްމީކޮށް ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން ވެސް، އާންމުންނަށް ބޭނުންވާ މުހިންމު އެއްޗެއްގެ އަގު އަތްނުފޯރާ ވަރަށް އުފުލިއްޖެ ނަމަ ސަރުކާރުން އެކަމުގެ ތެރެއަށް ވަންނާނެ ކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *