Tuesday, 28 July 2026
ޞިއްޙީ ވަޒީރު ޢަބްދުލްލާ ނާޒިމް - ރައީސް އޮފީސް

ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރިން ނުދެކޭފަދަ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްދަނީ: މިނިސްޓަރު ނާޒިމް

މިހާރުގެ ސަރުކާރުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުހިންގާ ފަދަ ބޮޑެތި މަޝްރޫޢުތަކެއް ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މުޅި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން، ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އަމާޒުކުރެވިފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޞިއްޙީ ވަސީލަތްތައް ކުރިއަރުވައި ފުޅާކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ، ފުރިހަމަ ޞިއްޙީ ނިޒާމެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ޞިއްޙީ ދާއިރާގެ ކޮންމެ ޑިޕާޓްމަންޓަކީވެސް އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ބައިތަކެއް ކަމަށެވެ. އަދި މި ދާއިރާގައި ހިންގޭ ކޮންމެ މަޝްރޫޢަކީވެސް އެއް މަޝްރޫޢު އަނެއް މަޝްރޫޢާ ގުޅިލާމެހިފައިވާ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އާ އުސްމިންތަކަކަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައީސް ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ހާލަތު ގާތުން ބައްލަވައި، މިހާރު ހުރި ވަސީލަތްތައް އަޕްގްރޭޑް ކުރުމަށް މުޅި ރާއްޖޭގައި ބޮޑެތި މަޝްރޫޢުތަކެއް ފަށްޓަވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، އާ ހޮސްޕިޓަލްތައް ބިނާކުރުމުގެ 39 މަޝްރޫޢެއް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން 19 އާ ޞިއްޙީ މަރުކަޒެއް ތަރައްޤީ ކުރަމުންދާއިރު، 89 ޞިއްޙީ މަރުކަޒެއްގެ ފެންވަރު މަތިކުރުމާއި އިމާރާތް ބޮޑުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން 12 މަޝްރޫޢެއްގެ މަސައްކަތް މުޅިން ނިމިފައިވާއިރު، 22 މަޝްރޫޢެއް އޮތީ ޕްލޭނިންގ މަރުޙަލާގައެވެ.

ޕްލޭން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި 8 އާ ހޮސްޕިޓަލަކާއި 5 އާ ޞިއްޙީ މަރުކަޒެއް ބިނާކުރުން ހިމެނެއެވެ. އަދި އިތުރު 9 ތަނެއްގެ ފެންވަރު މަތިކުރުމާއި ބޮޑުކުރުމުގެ މަސައްކަތްވެސް ޕްލޭން ކުރެވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *