ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އިއްޔެ އެ ސަރަހައްދުގައި ހަރަކާތްތެރިވެއްޖެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ހަވީރު 16:24 އެހާކަންހާއިރުއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި ކަމަށެވެ. "ހަށިގަނޑު އޮތް ހާލަތުގެ ސަބަބުން އެއީ ކޮން ޖިންސެއްގެ މީހެއްކަން މިހާތަނަށް ދެނެގަނެވިފައެއް ނުވޭ،" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމުގެ މަސައްކަތާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިކަމާ ގުޅިގެން ބަލަންޖެހޭ އެހެނިހެން ކަންކަންވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބޭ ވަރަކުން އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ. މި ހަށިގަނޑަކީ ކޮން ބައެއްކަން ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.


