ކެންސަރު ފަދަ ނުރައްކާތެރި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޕެންޝަން ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ޕެންޝަނާ ބެހޭ ގާނޫނަށް މުހިންމު އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިސްލާހަކީ މިހާރު އޮތް ގާނޫނުގައި ހުރި ހުރަސްތައް ނައްތާލައި، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ މާލީ އަދި ނަފްސާނީ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް ހުށަހެޅި އިސްލާހެކެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއަކުން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު ފާހަގަކުރެއްވި ގޮތުގައި މިހާރު އަމަލުކުރަމުންދާ ޕެންޝަނާ ބެހޭ ގާނޫނުގައި، ސިއްހީ ބޮޑެތި ހާލަތްތައް މެދުވެރިވާ ފަރާތްތަކަށް ފައިސާ ލިބޭނެ ސާފު އުސޫލުތަކެއް ކަނޑައެޅިފައެއް ނުވެއެވެ.
މެންބަރު ކުޑޫ ވިދާޅުވީ، "ބަލީގެ ހާލަތަށް ބަލައި، އުމުރުން ދުވަސްވުމުގެ ކުރިން ޕެންޝަން ފައިސާ ލިބޭނެ ނިޒާމެއް ނެތުމުގެ ސަބަބުން، ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނާއި އެމީހުންގެ އާއިލާތަކުން އުފުލަންޖެހޭ މާލީ އަދި ނަފްސާނީ ބުރަ ވަރަށް ބޮޑު" ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި، ޕެންޝަން އޮފީހުން ހާއްސަ ޑޮކްޓަރުންގެ ޓީމެއް އެކުލަވާލުމަށް އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.
މި ޓީމުގެ މަސްއޫލިއްޔަތަކީ ބަލިމީހާގެ ހާލަތު ބަލައި، އެއީ ބޮޑު ބައްޔެއްކަން ކަށަވަރުކޮށް މެޑިކަލް ސެޓްފިކެޓް ދޫކުރުމެވެ. މި ސެޓްފިކެޓާއެކު، އުމުރަށް ނުވަތަ ވަޒީފާގައި އުޅުނު މުއްދަތަށް ބެލުމެއް ނެތި، ވީހާވެސް އަވަހަކަށް ޕެންޝަން ފައިސާ ދޫކުރަންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. އަދި ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމަށް ދައުލަތަށް ލާޒިމްކުރުންވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޖޫން މަހުގެ ފަހުކޮޅު ވިދާޅުވެފައިވަނީ، ހިޖުރީ އާ އަހަރާއެކު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތަކުގެ މީހުންނަށް ހާއްސަ އިންޝުއަރެންސް އެހީއެއް ތައާރަފްކުރާނެ ކަމަށެވެ. މިއީ އެލައިޑް އިންޝުއަރެންސާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި އިންޝުއަރެންސްގެ ބޭނުމަކީ އާސަންދައިން ކަވަރު ނުކުރާ ހަރަދުތަކާއި، ރާއްޖޭން ބޭރުން ހޯދަންޖެހޭ މުހިންމު ބޭސްތަކާއި ފަރުވާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.


