ހުރިހައި މިސްކިތެއްގައި ހުކުރު ޚުޠުބާ އެއް މައުޟޫޢަކަށް ކިޔަންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވުމާ ގުޅިގެން، އެކަމުގެ ސަބަބުން ދީނީ އެއްބައިވަންތަކަން ގެއްލިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ޢިލްމީ ޤާބިލުކަން ހުރި ޚަޠީބުންނަށް އެއިރެއްގެ ޙާލަތާ ގުޅޭ މައުޟޫޢުތައް އިޚުތިޔާރު ކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ. އަދި ޚުޠުބާތަކުގައި ވެރިންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމާއި، ޚުދުމުޚުތާރު ވެރިންނަށް ނަޞޭޙަތް ދިނުން ފަދަ ކަންކަން ހިމެނެންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ޚުޠުބާ ތައްޔާރުކޮށްގެން ދެވޭ ފެންވަރުގެ ބައެއް ނޫން ކަމަށެވެ. ވަކި އިންތިޒާމެއް ނެތި އެ ފުރުޞަތު ހުޅުވާލައިފިނަމަ، ދީނީ ގޮތުން ނުތަނަވަސްކަން އުފެދި، އެކި މިސްކިތްތަކުގައި ތަފާތު ފިކުރުތަކާއި މަޒުހަބުތަކަށް ޚުޠުބާ ކިޔައި، ދީނީ އެއްބައިވަންތަކަން ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރު އޮތް ޚުޠުބާގެ ނިޒާމަކީ ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ ހަރުދަނާ ނިޒާމެއް ކަމަށާއި، މިއީ ގައުމުގެ މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެކެވެ. ޚުޠުބާގެ ކަންކަން ތަރުތީބު ކުރުމުގައި ސުންނަތާ އެއްގޮތަށް ޚުޠުބާ ކުރުކުރުމަށް އިސްކަންދޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޚުޠުބާގެ މައުޟޫޢުތައް ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދަމުންދާކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، އެއީ މުޖުތަމަޢަށް އެންމެ ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.


