Tuesday, 28 July 2026
ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ވެނެޒުއެލާ ރައްޔިތުން މަގުމަތީގައި - ބީބިސީ

އެމެރިކާއިން ވެނެޒުއޭލާއަށް ދިން ހަމަލާއާ ގުޅިގެން ދުނިޔޭގެ ލީޑަރުންގެ ފާޑުކިޔުން އަމާޒުވެއްޖެ

އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއްދީ، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ދުނިޔޭގެ ލީޑަރުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދި، ބައެއް ގައުމުތަކުން އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރަން ފަށައިފިއެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާގައި މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސްފައިވާއިރު، ނިއުޔޯކްގެ ކޯޓަކުން މިހާރު ވަނީ އެ ދެމަފިރިންގެ މައްޗަށް މަސްތުވާތަކެތީގެ ދައުވާ އުފުލާފައެވެ.

ވެނެޒުއޭލާގެ ގާތް އެކުވެރިން ކަމަށްވާ ރަޝިއާ އަދި ޗައިނާއިން ވަނީ އެމެރިކާގެ މި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ޗައިނާއިން ބުނެފައިވަނީ މިނިވަން މުސްތަގިއްލު ގައުމަކަށާއި އެގައުމުގެ ރައީސަށް އަމާޒުކޮށް ބާރުގެ ބޭނުންކުރުމުން "ބޮޑު ސިހުމެއް ލިބިފައިވާ" ކަމަށެވެ. ރަޝިއާއިން ވަނީ މިއީ އެމެރިކާއިން ހިންގި "އަސްކަރީ އުދުވާނެއް" ކަމަށް ސިފަކޮށްފައެވެ. މީގެ އިތުރުން އީރާނުން ބުނީ މިއީ ގައުމެއްގެ އިސްތިގުލާލަށް އަރައިގަތުމުގެ ވަރަށް ނުރައްކާތެރި އަމަލެއް ކަމަށެވެ.

އެމެރިކާގެ ސިފައިން ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ހައްޔަރުކޮށް، އެ ގައުމުގެ ވެރިރަށް ކަރަކަސްއަށް ބޮން އެޅުމާ ގުޅިގެން، ހުރިހާ ފަރާތްތަކަކުންވެސް "ކެތްތެރިކަން" އިސްކުރުމަށް ތުރުކީން ހޮނިހިރު ދުވަހު ގޮވާލައިފިއެވެ. "މިހާރު އޮތް ހާލަތުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތަށް ނޭދެވޭ އަސަރުތަކެއް ކުރިޔަ ނުދިނުމަށްޓަކައި، ހުރިހާ ފަރާތްތަކަކުންވެސް ކެތްތެރިކަން އިސްކުރުމަށް އަޅުގަނޑުމެން ގޮވާލަން،" ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ވެނެޒުއޭލާގެ އަވަށްޓެރި ގައުމުތަކުންވެސް ވަނީ މިކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. ބްރެޒިލްގެ ރައީސް ލޫލާ ދަ ސިލްވާ ވިދާޅުވީ އެމެރިކާއިން "ބަލައިނުގަނެވޭނެ ރަތް ރޮނގެއް ހުރަސްކޮށްފި" ކަމަށާއި، މިއީ ދުނިޔޭގައި ހަމަނުޖެހުމާއި ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށެވެ. ކޮލަމްބިއާ، ޗިލީ އަދި ކިއުބާއިންވެސް ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ބުނެފައެވެ. ނަމަވެސް އާޖެންޓީނާގެ ރައީސް ހާވިއާ މިލެއި ވަނީ މި އަމަލަށް ތާއީދުކޮށް، މިއީ މިނިވަންކަމަށް ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ވެނެޒުއޭލާގައި އަމާން އަދި ރަނގަޅު ވެރިކަމުގެ ނިޒާމެއް ގާއިމުކުރެވެންދެން އެގައުމު ހިންގާނީ އެމެރިކާއިން ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ކިއުބާއަށްވެސް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ މަދޫރޯގެ ސަރުކާރަށް ތާއީދުކުރި ކިއުބާގެ ވެރިންނަކީ ގާބިލު ބައެއް ނޫން ކަމަށާއި، އެގައުމުންވެސް މިހާރު ސަމާލުވާންޖެހޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *