އެވިޑް ކޮލެޖުން ސްރީލަންކާގައި ހިންގާ ބައެއް އެކަޑަމިކް ޕްރޮގްރާމްތަކަކީ އެކަށީގެންވާ ހުއްދައެއް ނެތި ހިންގާ ޕްރޮގްރާމްތަކެއް ކަމަށް ބުނެ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖަށް ފިޔަވަޅުއަޅައިފިއެވެ. އެމްކިއުއޭއިން ބުނި ގޮތުގައި މި މައްސަލައިގައި އެ ކޮލެޖަށް ނަސޭހަތްތެރިވަމުން އަންނަތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އެމްކިއުއޭއިން ނެރުނު އާންމު އިއުލާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުން ސްރީލަންކާގެ އެމެޒޯން ކޮލެޖް އަދި އަލްޒެޓް ޔުނިވާސިޓީގައި ޕްރޮގްރާމްތައް ހިންގާފައިވަނީ ރާއްޖޭގެ އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ރާއްޖޭން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. މި މައްސަލަ ފެންމަތިވީ އެ ދެ މަރުކަޒުން ކޯސް ނިންމި ދަރިވަރުންގެ ސެޓްފިކެޓްތައް ވެރިފައި ކުރުމަށް ދަރިވަރުންނާއި ބޭރުގެ ކަމާބެހޭ އިދާރާތަކުން އެދުމާ ގުޅިގެންނެވެ.
މީގެ އިތުރުން، އެވިޑް ކޮލެޖުން ލަންކާގެ އެކި މަރުކަޒުތައް މެދުވެރިކޮށް ކޯސްތައް އިޝްތިހާރު ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެމްކިއުއޭއިން ބުނެއެވެ. އޭގެ ތެރޭގައި ޗެސްޓާ ކޮލެޖް، އިމްޕީރިއަލް ވިޒްޑަމް ގްރެޖުއޭޓް ކެމްޕަސް، އަދި ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް ފަދަ ތަންތަން ހިމެނެއެވެ. އެމްކިއުއޭއިން ބުނި ގޮތުގައި މި ތަންތަނަކީ ލަންކާގެ ޔޫޖީސީ ނުވަތަ އެ ގައުމުގެ ތައުލީމީ އިދާރާތަކުގައި ރަޖިސްޓްރީވެފައިވާ ތަންތަނެއް ނޫނެވެ.
އެމްކިއުއޭއިން ހާމަކުރި ގޮތުގައި، 29 އޯގަސްޓް 2024 އިން ފެށިގެން އެވިޑް ކޮލެޖަށް ވަނީ ރަސްމީ ހުއްދައެއް ނެތި ރާއްޖޭން ބޭރުގައި ޕްރޮގްރާމްތައް ނުހިންގުމަށް ތަކުރާރުކޮށް އަންގާފައެވެ. ނަމަވެސް، އެވިޑް ކޮލެޖުން ހުށަހެޅި ލިޔެކިޔުންތަކުންވެސް، ހުއްދަ ނެތި އެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާކަން ސާބިތުވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
"މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާއަށް ބައިނަލްއަގުވާމީ ގޮތުން އޮތް އިތުބާރު ގެއްލި، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރައިފާނެ،" އެމްކިއުއޭގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން ބޭރުގެ ދަރިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރާއްޖޭގެ އެކްރެޑިޓޭޝަން ނިޒާމުގެ އިތުބާރާ މެދު ސުވާލު އުފެދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖަށް މިހާރު ވަނީ ރަސްމީކޮށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް، އިސްލާހު ނުވެއްޖެ ނަމަ 8,000 ރުފިޔާއިން ޖޫރިމަނާކޮށް، އޭގެ ފަހުން 10,000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު އެމްކިއުއޭއިން ވަނީ ދީފައެވެ.


