ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ.
އެމްއެމްއޭގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން، 2024 ވަނަ އަހަރު ނިމުނުއިރު 673.9 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، 2025 ވަނަ އަހަރު ނިމޭއިރު 848.6 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. ރިޒާވް މިހާ ބޮޑަށް އިތުރުވަނީ މީރާ މެދުވެރިކޮށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވުމާއި، ފޮރިން އެކްސްޗޭންޖް މާކެޓަށް ގެނައި އިސްލާހުތަކުގެ ސަބަބުން އެމްއެމްއޭއަށް ލިބޭ ބޭރު ފައިސާ އިތުރުވުމުންނެވެ.
2026 ވަނަ އަހަރުގެ ރިޒާވް ޕްރޮޖެކްޝަންތައް ބިނާކޮށްފައިވަނީ އެ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރީފައިނޭންސް ކުރެވޭނެ ކަމަށް ބަލައިގެންނެވެ. މީގެ އިތުރުން، ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވް ވަރުގަދަ ކުރުމަށް ބޭނުންކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީވެސް ރިޒާވް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، 2025 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ 5.4 އިންސައްތައިގައި ކުރިއަރާނެ ކަމަށް މިހާރު ލަފާކުރެވެއެވެ. އަދި 2026 ވަނަ އަހަރު ޖީޑީޕީ ކުރިއަރާނެ ކަމަށް ބެލެވެނީ 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ. މި ކުރިއެރުން ބޮޑަށް ބިނާވެފައިވަނީ ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، މުއާސަލާތީ ދާއިރާގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއަށް އަންނަ ކުރިއެރުންތަކަށެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ހިނގާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްއެމްއޭއިން ވަނީ ދީފައެވެ. ވަކިން ހާއްސަކޮށް އެމެރިކާގެ ވިޔަފާރި ސިޔާސަތުތަކަށް އަތުވެދާނެ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މުދާ ބޭނުންކުރާ މިންވަރާއި އިންވެސްޓްމަންޓްތަކަށް އަސަރުކޮށްފާނެ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.


