މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ ޑްރޯން ޝޯއަށް 1.5 މިލިއަން ރުފިޔާ ހޭދަވެފައިވާކަން ހާމަވެއްޖެއެވެ. މި ޝޯއަކީ 2026 ވަނަ އަހަރު ފެށުން ފާހަގަކުރުމަށް ބޭއްވި ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ހަރަކާތެވެ.
15 މިނިޓަށް ދެމިގެންދިޔަ މި ޑްރޯން ޝޯގައި ޖުމްލަ 600 އެއްހާ ޑްރޯން ބޭނުންކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އާންމުކޮށް ބޭނުންކުރާ ޑްރޯންތަކުގެ އިތުރުން، ހަވާގެ ކުޅިވަރުތައް ދައްކުވައިދޭ 75 ޕައިރޯ ޑްރޯންއެވެ. ޕައިރޯ ޑްރޯންއަކީ އާންމު ޑްރޯންތަކާ ހިލާފަށް އޭގެއިން ހަވާގެ ކުޅިވަރުތައް ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ޝޯގައި ޑްރޯންތަކުގެ އެހީގައި ދައްކުވައިދިނީ ރާއްޖޭގެ ރަށެއްގައި އުޅޭ ކުއްޖަކު ބޮޑުވަމުން އައިއިރު އޭނާއަށް ފެނުނު ތަރައްގީއެވެ. މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ޑްރޯން ބޭނުންކޮށްގެން މިފަދަ ޝޯއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މި ހަރަކާތަކީ ވިޒިޓް މޯލްޑިވްސް އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެޗްޑީސީއާ ގުޅިގެން "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފެސްޓިވަލްގައި ކާބޯތަކެތީގެ ސްޓޯލްތަކާއި، ސްޓޭޖް ޝޯތަކުގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތްތައް ވެސް ވަނީ ބާއްވާފައެވެ.


