ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ތަދާއި ތުރާލާ ގުޅިގެން، ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް މެދުއިރުމައްޗާއި އޭޝިއާގެ ގިނަ ގައުމުތަކަކުން ގޮވާލައިފިއެވެ. ބޮންއަޅަމުންދާ ފަލަސްތީނުގެ ސަރަހައްދަށް ފިނި މޫސުމުގެ ގަދަ ތޫފާންތައް ކުރިމަތިވަމުންދާއިރު، "ވަގުތުން، ފުރިހަމައަށް އަދި އެއްވެސް ހުރަހެއް ނެތި" އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް އެ ގައުމުތަކުން ވަނީ އިސްރާއީލަށް ބާރުއަޅާފައެވެ.
ހުކުރު ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ގަތަރު، މިސްރު، އުރުދުން، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ތުރުކީ، ޕާކިސްތާން އަދި އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރުން ވަނީ ގާޒާގެ ހާލަތު އިންތިހާއަށް ގޯސްވަމުންދާކަމުގެ އިންޒާރު ދެއްވާފައެވެ. މި ހާލަތުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ގާތްގަނޑަކަށް 1.9 މިލިއަން ފަލަސްތީނު ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށް އެ ވަޒީރުން ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ބުނެފައިވަނީ، "ފޭލިގެތަކުގައި ފެންބޮޑުވުމާއި، ފޭލިގެތަކަށް ގެއްލުންވުމާއި، ގެއްލުން ލިބިފައިވާ އިމާރާތްތައް ވެއްޓުމާއި، ކާނާގެ ދަތިކަމާއެކު ގަދަ ފިންޏަށް ހުށަހެޅުމުގެ ސަބަބުން އާންމުންގެ ފުރާނައަށް އޮތް ނުރައްކާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައި" ކަމަށެވެ. މި ހާލަތުގައި ގާޒާގެ ބައެއް ސަރަހައްދުތަކުގައި 'ސްވޭމްޕް ފީވަރ' ފެތުރިދާނެތީ ޑޮކްޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ގައުމުތަކުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް، އިސްރާއީލަކީ އެ ސަރަހައްދު ހިފައިގެން އޮތް ބާރުގެ ހައިސިއްޔަތުން އަމަލުކުރުމަށް ގޮވާލާފައެވެ. އެގޮތުން ފޭލިގެއާއި، ހިޔާވަހިކަމަށް ބޭނުންވާ ތަކެއްޗާއި، ސިއްހީ އެހީތެރިކަމާއި، ސާފު ބޯފެނާއި، ތެލާއި، އަދި ސާފުތާހިރުކަމަށް ބޭނުންވާ އަސާސީ ތަކެތި އެތެރެކުރުމަށް އަޅާފައިވާ ހުރަސްތައް ވަގުތުން ނައްތާލުމަށް ބާރު އެޅުމަށް ވަނީ އެދިފައެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ގާޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ އިސްރާއީލުގެ މައްޗަށް ލާޒިމުކަމެއް ނަމަވެސް، އެ ގައުމުން ދަނީ އެހީ އެތެރެކުރުމުގައި ހަރުކަށި ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ. އޮކްޓޯބަރު މަހު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުމުގައި ކޮންމެ ދުވަހަކު އެތައް ސަތޭކަ އެހީގެ ލޮރީއެއް ވެއްދުމަށް ޝަރުތުކޮށްފައިވީ ނަމަވެސް، އިސްރާއީލުން އެ ޝަރުތުތަކަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ގެދޮރު ސުންނާފަތިވުމުގެ ސަބަބުން އެތައް ލައްކަ އާއިލާއަކުން ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުންދާއިރު، ފާއިތުވި ހަފުތާތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިމާރާތްތައް ވެއްޓި ބައެއް މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ގަދަ ފިންޏާއި އިންސާނީ އެހީގެ ދަތިކަމުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންތަކެއްވެސް ދާދި ފަހުން ވަނީ ޝަހީދުވެފައެވެ.


