މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަންގެ އައު ވެބްސައިޓު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ވެބްސައިޓު އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ހައްޖު ކޯޕަރޭޝަނުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މިތައާރަފްކުރި ވެބްސައިޓުގެ މައިގަނޑު މަގްސަދަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ހައްޖު އަދި އުމްރާގެ ޚިދުމަތްތަކަށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ އިތުރުން ހައްޖާއި އުމްރާއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް އަވަހަށް ފޯރުކޮށްދިނުމަކީވެސް މި ވެބްސައިޓުގެ މަގްސަދެކެވެ.
މި ވެބްސައިޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހައްޖު ކިއުލިސްޓު އާންމުންނަށް ފެންނާނެހެން ހިމަނާފައިވުމެވެ. އަދި ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ދޭ ޚިދުމަތްތައް ހޯދުމަށްވެސް މި ވެބްސައިޓުގެ ސަބަބުން ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، ހައްޖު އަދި އުމްރާ ދަތުރުތަކުގެ ޚަބަރުތަކާއި ފޮޓޯތައްވެސް މި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
އައު ވެބްސައިޓު ފަރުމާކޮށްފައިވަނީ މޮބައިލް ފޯނުތަކުން ބޭނުންކުރަން ފަސޭހަވާނެހެން "މޮބައިލް ފްރެންޑްލީ" ކޮށެވެ. މިއީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ހައްޖު ކޯޕަރޭޝަނުން އިތުރަށް ވިދާޅުވީ، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށައި މި އެޕްލިކޭޝަން ވުޖޫދަށް އައުމުން، ވެބްސައިޓާއި ޕޯޓަލް މެދުވެރިކޮށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ލިބިގެންދާނެކަމެވެ.


