Tuesday, 28 July 2026
200 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި - އެމްއެސްއެން

އިންޑިއާގެ އިންދޯރުގައި ބޯފެން ތަޣައްޔަރުވެ ނުވަ މީހުން މަރުވެއްޖެ

އިންޑިއާގެ މެދުތެރޭގެ ރަށެއް ކަމަށްވާ އިންދޯރުގައި ފެތުރެމުންދާ ބޭރަށްހިންގުމުގެ ބަލިމަޑުކަމެއްގައި މަދުވެގެން ނުވަ މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. މި ބަލިމަޑުކަން ފެތުރެން މެދުވެރިވީ ތަޣައްޔަރުވެފައިވާ ބޯފެނުގެ ސަބަބުން ކަމަށް ސިއްހީ މާހިރުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ސަރަހައްދުގެ މަޖިލީހުގެ މެންބަރު ކައިލާޝް ވިޖޭވަރްގިޔާ ވިދާޅުވި ގޮތުގައި، އިންޑޯރުން މިހާތަނަށް މި ބަލީގައި ނުވަ މީހަކު ވަނީ މަރުވެފައިވާ ކަމާއި މިއީ އެ ސަރަހައްދުގެ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްގެ ގޮތުގައި އޮފިޝަލުން ސިފަކުރެއެވެ.

އިންޑޯރުގެ ޗީފް މެޑިކަލް އޮފިސަރު މަދަވް ޕްރަސާދު ހަސަނީ މައުލޫމާތު ދެއްވި ގޮތުގައި، މި ބަލިމަޑުކަން ފެށުނީ ބަގީރަތުޕޫރު ސަރަހައްދުގެ ބޯފެން ހޮޅިއަކުން ފެން ލީކުވުމުގެ ސަބަބުންނެވެ.

"ފެން ޓެސްޓުކުރުމުން ހޮޅިލައިންގެ ތެރޭގައި ބެކްޓީރިއާ ހުރިކަން ކަށަވަރުވެފައިވޭ. އެއް ސަރަހައްދަކުން 200 އަށްވުރެ ގިނަ މީހުންނަށް އެ ރަށުގެ އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާކަން ކަށަވަރު،" .. ހަސަނީ

އޭނާ އިތުރަށް ވިދާޅުވީ ފެން ސާމްޕަލްގެ ފައިނަލް ރިޕޯޓުގެ އިންތިޒާރުގައި މިހާރު ތިބި ކަމަށެވެ.

ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ޝްރަވަން ވަރުމާ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޑޮކްޓަރުންގެ ޓީމުތައް ގޭގެއަށް ފޮނުވައިގެން މީހުންގެ ހާލަތު ބަލަމުންދާ ކަމަށާއި، ފެން ސާފުކުރުމަށްޓަކައި ކްލޮރިން ގުޅަ ބަހަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރުމާ އިތުރަށް ވިދާޅުވި ގޮތުގައި، ފެން ތަޣައްޔަރުވާން މެދުވެރިވި ކަމަށް ބެލެވޭ ލީކުވާ ތަން މިހާރު ވަނީ ފެނި، އެތަން މަރާމާތުކޮށްފައެވެ. ސިއްހީ އޮފިޝަލުން މިހާތަނަށް 8,571 މީހުން ބަލާފައިވާއިރު، އޭގެ ތެރެއިން ބަލީގެ ކުޑަ އަލާމާތްތައް ހުރި 338 މީހަކު ވަނީ ފާހަގަކުރެވިފައެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ އެ ސަރަހައްދުގެ ސިއްހީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *