ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގައި ހުއްދަނެތި ވިޔަފާރިކުރާ ފަރާތްތަކާއި، ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކަށް މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އިއުލާނުކޮށްފިއެވެ.
އަންގާރަ ދުވަހު އެމް.އޭ.ސީ.އެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވީ.އައި.އޭ ގައި ވިޔަފާރިކުރުމާއި ޚިދުމަތް ދިނުމުގެ ހުއްދަ ދެވެނީ ވަކި އުސޫލުތަކެއްގެ ދަށުން، ރަސްމީ އެއްބަސްވުންތަކެއް ހެދިގެން ކަމަށެވެ. އެއާޕޯޓުގައި ސިމް ކާޑު ވިއްކުމާއި ފައިސާ މާރުކުރުން ފަދަ ޚިދުމަތްތައް ދެވޭނީ ހަމައެކަނި ސައްހަ ލައިސަންސް އޮތް، އަދި އެމް.އޭ.ސީ.އެލް އާއެކު އެއްބަސްވުން ހަދާފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމް.އޭ.ސީ.އެލް އިން ފާހަގަކުރި ގޮތުގައި، ހުއްދަ ދެވިފައިވާ ހުރިހާ ފަރާތްތަކުންވެސް ޚިދުމަތް ދޭންވާނީ ކަނޑައެޅިފައިވާ ކައުންޓަރުތަކުން ނުވަތަ ތަންތަނުންނެވެ. އަދި އެ ފަރާތްތަކުން ކުންފުނީގެ ޔުނިފޯމް ނުވަތަ އައިޑެންޓިފިކޭޝަން ކާޑު ބޭނުންކުރަން ޖެހޭނެ ކަމަށާއި، ކަނޑައެޅިފައިވާ ސަރަހައްދުން ބޭރުގައި ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ކުންފުނިން އިންޒާރު ދީފައިވާ ގޮތުގައި، އެއާޕޯޓުގައި ހުއްދަނެތި ވިޔަފާރިކުރާ ނުވަތަ ޚިދުމަތްދޭ ފަރާތްތައް ދެނެގަނެ، ކަމާބެހޭ ސަލާމަތީ އިދާރާތަކާ ގުޅިގެން ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމެވެ. އަދި މިފަދަ ފަރާތްތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް އެމް.އޭ.ސީ.އެލް އިން ޒިންމާ ނުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ. މި ފިޔަވަޅުތަކަކީ ފަތުރުވެރިންނާއި އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވީ.އައި.އޭ ގެ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް އަޅާ ފިޔަވަޅުތަކެއްކަން އެ ކުންފުނިން ބުނެފައިވެއެވެ.
މި ބަޔާން ނެރެފައިވަނީ ޓާމިނަލް ދޭއްގެ ޑްރޮޕް-އޮފް ސަރަހައްދުގައި ހުއްދަނެތި ޑޮލަރު ވިއްކަން އުޅުނު 20 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހައްޔަރުކުރުމުގެ ތެރެއިން އިނގިފައިވާ ގޮތުން، އޭނާގެ އަތުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދައެއް ނެތެވެ.
ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރުން އަދިވެސް އޮތީ ވަރަށް ބޮޑަށް ފެތުރި، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވާ ދަނޑިވަޅުތަކުގައި މިފަދަ ގަވާއިދާ ޚިލާފު އަމަލުތައް އިތުރަށް ފާހަގަކުރެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.


