Tuesday, 28 July 2026
އަފްޣާނިސްތާނުގައި ފެންބޮޑުވެފައި - އަލްޖަޒީރާ

އަފްޣާނިސްތާނުގައި ފެންބޮޑުވެ މަދުވެގެން 17 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބޯ ވާރޭވެހި އަދި ސްނޯ ފޭބުމުގެ ސަބަބުން ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ ހަނަފަސްކަމަށް ނިމުމެއް އައި ނަމަވެސް، އެކި ސަރަހައްދުތަކުގައި ކުއްލި ފެންބޮޑުވުންތައް ކުރިމަތިވެ، މަދުވެގެން 17 މީހުން މަރުވެ 11 މީހުން ޒަޚަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ހެރާތު ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު މުޙައްމަދު ޔޫސުފް ސައީދީ ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ހެރާތުގެ ކަބްކާން ޑިސްޓްރިކްޓްގައި ބުރާސްފަތި ދުވަހު ގެއެއްގެ ފުރާޅު ވެއްޓުމުގެ ސަބަބުން މަރުވި އެއް އާއިލާއެއްގެ ފަސް މީހުން ހިމެނެއެވެ. މީގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނެއެވެ.

އަފްޣާނިސްތާނުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ރިޕްރަޒެންޓޭޓިވް މުޙައްމަދު ޔޫސުފް ޙައްމާދު ވިދާޅުވި ގޮތުގައި،، ފެންބޮޑުވުމުގެ ސަބަބުން އުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ، ގެރިބަކަރި މަރުވެ، އަދި 1,800 އާއިލާއަކަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.

މީގެ ސަބަބުން ކުރިންވެސް ނާޒުކު ހާލަތުގައި އޮތް ސިޓީތަކާއި އަވަށްތަކުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ދިހަވަރަކަށް އަހަރުވީ ހަނގުރާމައާއި، އުމްރާނީ ވަސީލަތްތައް ދަށްވުމާއި، ވަލުތައް ކެނޑުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ކާރިސާތަކުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. ޚާއްޞަކޮށް، ގިނަ ގެތައް މަށިން ހަދާފައި ހުންނަ ދުރު ހިސާބުތަކުގައި ރައްކާތެރިކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގައި ކުއްލި ފެންބޮޑުވުންތައް ކުރިމަތިވުމުގެ ސަބަބުން، ބިންހެލުމުގެ އަސަރުކުރި މީހުން ސަލާމަތްކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

ޔުނައިޓެޑް ނޭޝަންސް އާއި އެހީދޭ އެހެން އިދާރާތަކުން އަންގަވާފައިވާ ގޮތުގައި، 2026 ވަނަ އަހަރުވެސް އަފްޣާނިސްތާނު އޮންނާނީ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާ ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރެއިންނެވެ. ޔުނައިޓެޑް ނޭޝަންސް އާއި އެހީދޭ އެހެން އިދާރާތަކުން ވަނީ އެ ގައުމުގައި ކުއްލި އެހީއަށް ބޭނުންވެފައިވާ ގާތްގަނޑަކަށް 18 މިލިއަން މީހުންނަށް އެހީތެރިވުމަށްޓަކައި 1.7 ބިލިއަން ޑޮލަރު ހޯދުމަށް އަންގާރަ ދުވަހު އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *