ޒޯހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރެއްވުމާއެކު، އޭނާ ވެވަޑައިގެންފައިވަނީ އެމެރިކާގެ އެންމެ ބޮޑު ސިޓީގެ މޭޔަރުކަމާ ހަވާލުވި ފުރަތަމަ މުސްލިމް ބޭފުޅާއަށެވެ. މީގެއިތުރުން އޭނާއަކީ ފަހުގެ ތާރީޚެއްގައި އެ ސިޓީގެ މޭޔަރުކަމާ ހަވާލުވި އެންމެ ޒުވާން ބޭފުޅާވެސް މެއެވެ.
ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރުގެ އިތުރުން، މަމްދާނީއަކީ ދެކުނު އޭޝިއާގެ ނަސްލަށް ނިސްބަތްވާ ފުރަތަމަ މޭޔަރެވެ. އަދި އޭނާއަކީ އެފްރިކާއަށް އުފަންވި ފުރަތަމަ މޭޔަރުވެސް މެއެވެ. އުމުރުން 34 އަހަރުގައި މަމްދާނީ މި މަގާމާ ހަވާލުވެވަޑައިގަތީ ފަހުގެ އެތައް ޖީލެއްގައި އެ ސިޓީން ފެނުނު އެންމެ ޒުވާން މޭޔަރުގެ ގޮތުގައެވެ.
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މަމްދާނީ މަގާމުގެ ހުވާ ކުރެއްވީ ބުރާސްފަތި ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މެންހަޓަންގައި ހުންނަ ތާރީޚީ، ބޭނުންކުރުން ހުއްޓާލާފައިވާ ސަބްވޭ ސްޓޭޝަނެއްގައެވެ. އޭނާ ހުވާ ކުރެއްވީ ކީރިތި ގުރުއާނުގައި އަތްޕުޅު ބާއްވަވައިގެން އިންނަވައެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މަމްދާނީ ވިދާޅުވީ، "މިއީ ހަގީގަތުގައިވެސް މުޅި އުމުރުގައި ލިބޭނެ އެންމެ ބޮޑު ޝަރަފާއި ފުރުސަތު،" ކަމަށެވެ.
އޭނާގެ ސިޔާސީ ބައިވެރިއެއް ކަމަށްވާ ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ކުރިއަށް ގެންދެވި މި ރަސްމިއްޔާތު ބާއްވާފައިވަނީ، ހިތްގައިމު އާޗްތަކެއް ހުންނަ، ސިޓީގެ އެންމެ ދުވަސްވީ އެއް ސަބްވޭ ސްޓޭޝަން ކަމަށްވާ 'ސިޓީ ހޯލް ސްޓޭޝަން' ގައެވެ.
މަމްދާނީ މިހާރު މި ފެއްޓެވީ އެމެރިކާގެ ސިޔާސީ ދާއިރާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭ އެއް ސިޔާސީ ޝަޚުސިއްޔަތުގެ ގޮތުގައި، އެމެރިކާގެ ސިޔާސީ މަގާމުތަކުގެ ތެރެއިން އެންމެ ބުރަ އެއް މަސައްކަތެވެ.


