Wednesday, 29 July 2026

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ ޤާނޫނުގެ ދަށުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ، 25 އޮގަސްޓް 2024 ގައެވެ.

އަދި މިއަދުން ފެށިގެން މި ޤާނޫނަށް ވަނީ ރަސްމީކޮށް ޢަމަލުކުރަން ފަށާފައަވާ ކަމަށާއި، ދިވެހިރާއްޖޭގައި މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަކީ ޤާނޫނުގެ މައިގަނޑު ބޭނުމުކަން އެމަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ. މި އޮފީހުގެ ކަންކަން ބަލަހައްޓަވާނީ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛު ކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.

މި ޤާނޫނުގައި ރަޖިސްޓްރާރ އައްޔަނުކުރުމާއި، ވަކިކުރުމުގެ އުސޫލުތަކުގެ އިތުރުން، ރަޖިސްޓްރާރގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި، މަސްއޫލިއްޔަތުތަކާއި ބާރުތައް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި، ރަޖިސްޓްރާރ ނިންމާ ނިންމުންތަކާ ގުޅިގެން ޢަމަލުކުރާނެ ގޮތްތައްވެސް ޤާނޫނުގައި ހިމަނާފައިވެއެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ޤާއިމްކުރެއްވުމާ ގުޅިގެން، އެ އޮފީހަށް ފޮނުވާ ރަސްމީ ސިޓީތަކުގައި ޖައްސަވާނެ ނަންބަރަކީ 1136 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ އިޢުލާނުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *