ޒަކާތާބެހޭ ޤާނޫނުގެ 11 ވަނަ އާރޓިކަލް (ހ) ގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާނެ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
އަލަށް އަމަލުކުރަން ފެށި ޤާނޫނީ އޮނިގަނޑުގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް އުފެއްދެވުމާ ގުޅިގެން، ޒަކާތާބެހޭ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުން އައި ޒަކާތު ހައުސް މިހާރު ވަނީ އުވާލައްވާފައިވާ ކަމާއި މި ބަދަލާއެކު ޒަކާތުގެ ކަންކަން ހިންގުމަށް އާ ޤާނޫނީ ބާރުވެރިކަމެއް ވަނީ ލިބިފައިވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕްރެސްް ރިލީޒްގައި ވަނީ ވިދާޅުވެފައެވެ.
ޒަކާތާބެހޭ ޤާނޫނަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި، ބެލެހެއްޓުމާއި، ބެހުމުގެ ކަންކަން ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ހިންގުމަށްޓަކައި އެކުލަވާލާފައިވާ ފުރިހަމަ ޤާނޫނީ އޮނިގަނޑެކަން ޕްރެސްް ރިލީޒްގައި ވަނީ އަންގަވާފައެވެ. މި ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، 6 ޑިސެންބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ޤާނޫނެކަންވެސް ވަނީ ހާމަވެފައެވެ.
މި ޤާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށާފައިވަނީ 1 ޖެނުއަރީ 2026 ގައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޕްރެސް ރިލީޒްގައި ނެރުއްވި ނަންބަރު 01/2026 ދެންނެވުމުގައިވާ ގޮތުން، ޒަކާތާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް މިހާރު ވަނީ ރަސްމީކޮށް އުފައްދަވައި، އެ އިދާރާގެ މަސައްކަތްތައް ފެށިފައެވެ.


