Tuesday, 28 July 2026
އާ ޓާމިނަލް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ވީއައިއޭގެ އާ ޓާމިނަލުން، ހިދުމަތް ދިނުމުގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ކަމަށްވާ، ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ. މި ތާރީހީ ބަދަލު ފާހަގަކުރުމަށް އިއްޔެ ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ.

ވީއައިއޭގެ ޓާމިނަލް 1 ރަސްމީކޮށް ހުޅުވައިދެއްވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، މިހާރު މި ޓާމިނަލުން ޖުމްލަ 41 އެއާލައިނަކަށް ހިދުމަތް ދެމުންދާއިރު، މިހާތަނަށް 600,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ހިދުމަތް ފޯރުކޮށްދީފައެވެ.

ހުރިހާ އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކޮށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މި ހަފުލާގައި ވާހަކަދައްކަވަމުން ޝަރީފު ވަނީ އާ ޓާމިނަލް ހުޅުވުމަށްޓަކައި އެމްއޭސީއެލްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ޝަރީފު ވިދާޅުވީ، ޓާމިނަލް ހުޅުވުމުގެ މަސައްކަތުގައި މުވައްޒަފުން އެމީހުންގެ އާއިލާތަކާ ދުރުގައި އެތައް ގަޑިއިރެއް ހޭދަކޮށްފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ ގައުމަށާއި ކުންފުންޏަށްޓަކައި މުވައްޒަފުން ކޮށްދިން ފަހުރުވެރި މަސައްކަތެއް ކަމަށެވެ.

މުވައްޒަފުންގެ ކުރިމަގުގެ އަމާޒަކަށް ވާންވީ އެންމެން ގުޅިގެން މަސައްކަތްކޮށް، ކުންފުނި އާ އުސްމިންތަކަކަށް ގެންގޮސް، އަންނަ އަހަރަކީ މިއަހަރަށްވުރެ ވެސް ކާމިޔާބު އަހަރަކަށް ހެދުން ކަމަށް ސީއީއޯ ޝަރީފު ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *