ތެލަސީމިއާ ކުދިންނަށް ދައުލަތުން ދޭން ނިންމާފައިވާ މާލީ އެލަވަންސަށް އެދުމުގެ ފުރުޞަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު ހުޅުވާލައިފިއެވެ. މި އެލަވަންސަކީ ތެލަސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިޢުލާން ކުރެއްވި ނިންމެވުމެކެވެ.
ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޚާއްޞަ ޤަވާއިދުގައިވާ ގޮތުން، މި އެލަވަންސަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް މަހަކު 2,000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރުގައި ބަލަހައްޓަމުން އަންނަ ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އެލަވަންސް ހޯދުމަށް އެދި ހުށަހަޅަންޖެހޭނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ފޯމެއް މެދުވެރިކޮށް އެންސްޕާއަށެވެ. ފޯމު ހުށަހަޅާއިރު ދިރިއުޅޭ އެޑްރެހާއި އީމެއިލް އެޑްރެސް ހިމަނަންޖެހޭއިރު، 18 އަހަރު ނުފުރޭ ކުދިންގެ ފަރާތުން ފޯމު ހުށަހަޅާނީ ބެލެނިވެރިޔާއެވެ. އެޕްލިކޭޝަން ފޯމު އެޕްރޫވްވުމަށްފަހު، ޖެހިގެން އަންނަ މީލާދީ މަހުން ފެށިގެން މި އެލަވަންސް ލިބެމުންދާނެ ކަމަށް އެންސްޕާއިން މަޢުލޫމާތުދެއެވެ.
އަލަށް އެކުލަވާލި ޤަވާއިދުގެ ދަށުން ތެލަސީމިއާ ސެންޓަރުން ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް ބަލަހައްޓަން ޖެހެއެވެ. މި ދަފްތަރުގައި ކުދިންގެ މަޢުލޫމާތާއި، ތެލަސީމިއާގެ ބާވަތާއި، ފަރުވާއާއި ގުޅުންހުރި ތަފްސީލުތަކުގެ އިތުރުން ޞިއްޙީ މިންގަނޑުތަކުން ކަނޑައަޅާ މުހިންމު މަޢުލޫމާތުތައް ހިމަނަންޖެހެއެވެ. އަދި އެލަވަންސް ދިނުން ހުއްޓާލުމާއި އަލުން ދޭން ފެށުމުގައިވެސް ޚާއްޞަ ޞިއްޙީ މިންގަނޑުތަކަކަށް ބަލާނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، އެކުދިންނަށް އާންމު ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުމާލޭ އޮރެންޖު ހިޔާގައި ޚިދުމަތް ދޭން ފަށާފައިވާއިރު، ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.


