Tuesday, 28 July 2026

މިއަހަރަކީ ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި ކާމިޔާބީ ލިބޭނެ އަހަރެއް: ރައީސުލްޖުމްހޫރިއްޔާ

މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލްކުރާނޭ އަހަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މީލާދީ އައު އަހަރުގެ ތަހުނިޔާއާއި މުބާރަކްބާދު ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައިވެއެވެ. އަދި ކޮންމެ އައު އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖްތިމާޢީ ގޮތުންވެސް ތިމާ އުފަންވި ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ ތާރީޚީގޮތުން މުހިންމު މުނާސަބާ ދިވެހީންނާ ބައްދަލުކުރާނޭ އަހަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚު ކަމަށެވެ.

ޤައުމުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ޤައުމުގެ ތަމައްދުނާއި ތަރައްޤީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ދިވެހީން ހިންމަތްކުރަމުން ދިޔަކަމެވެ. އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން އަބަދުމެ ދެމިތިބޭނީ މި ރޫޙާއި މި ވިސްނުމުގައެވެ" މިފަދައިންނެވެ.

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ޤައުމު ބިނާކުރާ ފަދައިން ވަފާތެރި، ޤާބިލް ދިވެހި ދަރީންތަކެއް ބިނާކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، އެންމެން ގުޅިގެން ޤައުމަށްޓަކައި ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *