ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުން ޑިޖިޓަލްކޮށް، ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިއީ ރާއްޖޭގެ އިންތިޚާބީ ތާރީޚުގައި ކެންޑިޑޭޓުންގެ ފޯމުތައް އެއްވެސް ކަރުދާހަކާ ނުލައި ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާޙު ސަޢީދު ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި އެއްވެސް ކަރުދާސް ފޯމެއް ބަލައި ނުގަންނާނެ ކަމަށެވެ. ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ކުށާއި ދަރަނީގެ ރެކޯޑުތައް ވެސް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ކަންކަން ވެސް ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ފޮނުވައިގެން ކުރިއަށް ގެންދެވޭނެއެވެ.
"އިލެކްޝަންސް ކޮމިޝަންގެ އަމާޒަކީ، ޑިޖިޓަލްކޮށް ހުށަހެޅޭއިރުވެސް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤު އެންމެނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން" .. ވިޝާޙު
ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ޑީޖޭއޭ، ކަރެކްޝަންސް އަދި މީރާ ފަދަ އިދާރާތަކުން ނަގަންޖެހޭ ރެކޯޑުތައް ވެސް އޮންލައިންކޮށް ހޯދޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އިންތިޚާބަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމުގެ ކުރިން، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ތަފްސީލީ ގައިޑެއް އާންމުކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
މި ބަދަލަކީ ކައުންސިލް އިންތިޚާބަކީ އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބަށް ވުމާއެކު، ކެންޑިޑޭޓުންނަށާއި ކޮމިޝަންގެ މުވައްޒަފުންނަށް މަސައްކަތް ލުއިކޮށްދިނުމަށް ގެނައި ބަދަލެކެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީތަކަށް ވެސް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އެ ޕާޓީތަކުގެ ކެންޑިޑޭޓުންގެ ފޯމުތަކުގެ އެންމެ ފަހުގެ އަދާހަމަ ބަލާލެވޭނެއެވެ.


