ނ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ކުރަމާދު، ދިގުފަރު އަދި ދެކެނަންފަރުގައި "އައިލާ ޓައުންޝިޕް"ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ އިންވެސްޓްމެންޓް އެއްބަސްވުމުގައި ސަރުކާރާއި ކްރިސްޓަލް ހޯލްޑިންގްސް އިން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއަކީ މީހުން ދިރިއުޅުމުގެ އިތުރުން ޓޫރިޒަމާއި އިގްތިސާދީ އެކި މަސައްކަތްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ބޮޑު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ފެންވަރު ރަނގަޅު މެޑިކަލް ފެސިލިޓީއަކާއި ހޮސްޕިޓާލިޓީ ދާއިރާއިން މީހުން ތަމްރީނުކުރާ މަރުކަޒެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ރާއްޖެއަށް މިހާރު އިމްޕޯޓްކުރާ ކާބޯތަކެތީގެ ދެ ބާވަތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދާ މި މަޝްރޫއުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ވާނެއެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ ދަށުން ހިންގާ މި މަޝްރޫއަކީ ރާއްޖޭގެ ޓޫރިޒަމާއި ރިއަލްއެސްޓޭޓް ދާއިރާ އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ޕީޓާރް ކާސްޓިޗް ވަނީ ރާއްޖޭގެ އިންވެސްޓްމެންޓް މާހައުލާ މެދު އިތުބާރު އޮތްކަން ހާމަކުރައްވައި، މިފަދަ ފުރުސަތެއް ލިބުމަކީ ޝަރަފެއްކަމަށް ވިދާޅުވެފައެވެ. މި މަޝްރޫއު ހިންގާ ސަރަހައްދުގެ ބިން މިހާރު ވަނީ ހިއްކައި ނިމިފައެވެ.


