Tuesday, 28 July 2026

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ފަށައިފި

ކުރިޔަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ދެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، އަންނަ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެކަންކަން ތަންފީޒު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މި ނިންމެވުމުގެ ދަށުން ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ނޫސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މިދިޔަ ޑިސެންބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތަކަށް ސަރުކާރުން މިހާރު ވަނީ އަމަލީ ސިފަ ގެންނަން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދާއި، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމާއި، މީގެ ބޭނުމަކީ ހެޔޮ އަގުގައި މުދާ ރައްކާކޮށް، ގުދަންކުރެވޭނެ އިންތިޒާމް ވިޔަފާރިވެރިންނަށް ފަހިކޮށްދިނުން ކަން ނޫސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) މެދުވެރިކޮށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްކުރުމަށާއި، ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަނދުފަހަރުގެ ކަންކަން ހަރުދަނާކުރުމަށް ކަމާބެހޭ މިނިސްޓްރީން ދަނީ ގާތުން ބަލަމުންކަމަށާއި މި ބަދަލުތަކާއެކު ވިޔަފާރިވެރިންނަށް މުދާ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަން ސަރުކާރުން ބުނެފައިވެއެވެ

ވިޔަފާރިވެރިން ފާހަގަކުރި އިތުރު ކަންބޮޑުވުންތަކަށް ބަލާއިރު، ދިވެހިންނާއި ވާރކް ޕާމިޓް ހޯލްޑަރުން ބައިތިއްބުމަށް ޚާއްޞަކޮށްގެން ހިންގާ ކޮޓަރި ކުއްޔަށްދޭ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށްވެސް ވަނީ ހައްލެއް ހޯދައިދީފައިވާ ކަމާއި އެގޮތުން އެފަދަ ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ކޯޓާ ހޯދުމުގައި ދިމާވާ ދަތިތައް މިހާރު ހައްލުކުރެވިފައިވާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާތީ، މި ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސްޓޯރޭޖް ފެސިލިޓީތަކާ ގުޅޭ އިތުރު ތަފްސީލުތައް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރިޔަށް އޮތް ތަނުގައި ހާމަކުރަމުންދާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *