ލޯކަލް ކައުންސިލް އިންތިހާބުގައި، ހދ. ހިރިމަރަދޫ ރައްޔިތުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކައުންސިލް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މިގޮތަށް ކަނޑައެޅުއްވީ މިއަދު ނެރުއްވި ހާއްސަ ގަރާރެއްގެ ދަށުންނެވެ.
ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަރަދޫ މިހާރު ވަނީ އުނިކޮށްފައެވެ. އަދި މި އިސްލާހަށް އަމަލުކުރަން ފަށާނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް، ރަޖިސްޓަރީކޮށް ނިމުމުން ސަރުކާރުން އެކަން އިއުލާންކުރާ ތާރީހުން ފެށިގެންނެވެ. ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި މިވަގުތު ކަނޑައެޅީ، ކުރިއަށް އޮތް އިންތިހާބު ބާއްވާ ދުވަސްވަރަކީ އެ ރަށުގެ މީހުން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާ ވަގުތަށް ވާތީއެވެ.
މިނިންމެވުމުގައި ރައީސް ރިއާޔަތްކުރެއްވީ ގާނޫނުގައިވާ އުސޫލުގެދަށުން، މީހުން ދިރިއުޅޭ ރަށެއް ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެ މީހުންގެ އިންތިހާބީ ދާއިރާ ކަމުގައި ބަލަންޖެހޭނީ އަލަށް ބަދަލުވި ރަށެވެ. އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލްގެ މެމްބަރުން ހޮވުމަށެވެ.
ހިރިމަރަދޫގެ އާބާދީ މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ އޯގަސްޓް މަހުއެވެ. ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ހަނިމާދޫގައި ގާއިމްކޮށް ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ.
ސަރުކާރުގެ ސިޔާސަތަކީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ދިނުމެވެ. މިދިޔަ އޯގަސްޓް މަހުގެ 24 އާ ހަމައަށް ހިރިމަރަދޫން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށް ހަނިމާދޫން ގޯތި ހަމަޖެހިގެންދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. މި ބަދަލާ ގުޅިގެން މިހާރު ވަނީ ހިރިމަރަދޫން އަލަށް ގޯތި ދޫކުރުމާއި ގޭގެ ރަޖިސްޓްރީ ބަދަލުކުރުން ފަދަ ކަންކަން ހުއްޓާލުމަށް އަންގާފައެވެ.
ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ރަށަކީ ހިރިމަރަދޫއެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އެ ރަށުގެ އާބާދީއަކީ 293 އެވެ. އޭގެ ތެރޭގައި ހިމެނެނީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


