ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕެއް ގޭންގެއް ކަމަށް ކަނޑައެޅުމުގެ މަޤްސަދުގައި، އެ ގުރޫޕާއި ގުޅޭ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް، މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ފުލުހުން ބުނެފައިއެވެ.
އެގޮތުން މިދިޔަ އޮގަސްޓްމަހު ފެށިގެން އަމަލުކުރަމުންދާ “ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު”ގެ ދަށުން، ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕެއް ކަމަށް ކަނޑައެޅުމަށް ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅައިފައިވެއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ދިރާސާކުރުމަށް ފަހު، އެންމެފަހުން ހުށައެޅިފައިވާ ގުރޫޕަކީ، ގޭންގްއެއްކަމަށް ކަނޑައަޅާނީ ހައި ކޯޓުންނެވެ.
މިއަދު ބޭއްވި މީޑިއާ ބްރީފިންގެއްގައި، ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމް ވިދާޅުވީ، ޕީޖީ އޮފީހުން ދިން ލަފާއާއި ގުޅިގެން ފުލުހުންގެ އިންވެސްޓިގޭޝަން މިހާރު ހިންގަމުންދާ ކަމަށެވެ.
"ގޭންގެެއް ކަނޑައެޅުމަށްޓަކައި އެއް މައްސަލަ ވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން އަޅުގަނޑުމެންނަށް ލަފާދީފައި ހުރި ކަންކަން މިހާރު މި ގެންދަނީ ކުރަމުން،" ..އިސްހާގް
ގޭންގް ޝަރުތު ހަމަވާބޭފުޅުން، މާލޭގެ އިތުރުން އަތޮޅު ތެރެއިން ބަލައި، ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކުށުގެ ރޭޓް މަދުވެފައިވާ ކަމަށް އިސްހާގް ވިދާޅުވެފައިވެއެވެ.
ކުށްކުރުން ހުއްޓުވުމަށް، ގާނޫނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް މީޑިއާ ބްރީފިންގައި ފުލުހުން ވަނީ ހާމަކޮށްފައެވެެ.


