ޓިކްޓޮކް ލައިވެއްގެ ތެރެއިން ތުއްތު ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހާދިސާ ފެންމަތިވެފައިވަނީ ވީޑިއޯ ނުޖައްސައި، އޯޑިއޯ އެކަނި ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ލައިވެއްގައި އަންހެނަކު އޭނާގެ ދަރިފުޅަށް އަނިޔާކޮށް، ހަޑިހުތުރު ބަހުން ހަޅޭއްލަވާ އަޑު އިވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އަނިޔާތައް ލިބިފައިވަނީ އެއް އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އެހީގައި، މި ހާދިސާ ހިނގާފައިވަނީ މާލޭ ރީޖަންގައި ހިމެނޭ ރަށެއްގައިކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެކަމަށް އެޓެންޑްވެ، މައްސަލައިގެ ތަހުގީގު ފަށާފައެވެ. އަދިއެ ތުއްތު ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.
"މާލޭ ރީޖަން ހިމެނޭ ރަށެއްގައި ހިނގާދިޔަ ކަމެއް ކަމަށް އަޅުގަނޑުމެންނަށް އިންޓެލިޖެންސުން މައުލޫމާތުތަކެއް ލިބުމާ ގުޅިގެން އެކަމަށް އެޓެންޑް ވެގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން މިހާރު އެބަ ގެންދޭ،" ޝަރީފް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ. ނަމަވެސް މިއީ މިހާރު ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ، މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.


