Tuesday, 28 July 2026
ޑރ. އައިޝަތު ޝިހާމް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 100 އަށް ވުރެ ގިނަ ކުދިން އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 100 އަށް ވުރެ ގިނަ ކުދިން އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރައްވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓަރު, ޑރ ޢާއިޝަތު ޝިހާމް ވިދާޅުވީ އަމިއްލައަށް އެދިގެން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓާ ކުރާ އާއިލާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެފައިވާ ކަމަށެވެ. މިނިސްޓްރީން މި އާއިލާތައް މޮނީޓާކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ އާއިލާތަކުން ކުދިންނާ ދޭތެރޭ އާދަޔާޚިލާފަށް ހެޔޮކޮށް ކަމޭހިތާކަން ފާހަގަވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކި އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ފަހު އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ކުޑަކުދިންގެ ހިޔާތަކުގައި ތިބި 110 ކުއްޖަކު، މިދިޔަ މަހުގެ ނިޔަލަށް 'ފޯސްޓަކެއާ’ގެ ދަށުން އެކިއެކި އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް، ޕްރޮޖެކްޓުގެ ދަށުން 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިހާ ހިސާބަށް 110 ކުދިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަނބުރާ އެކުދިންގެ އާއިލާތަކަށް، އެހެންނޫނިއްޔާ އާ އާއިލާތަކަށް ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބައި ހިނގާ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވި ގޮތުގައި، 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ހޯދައިދިނުމުގެ އަމާޒަކީ، އެފަދަ ކުދިން ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ބަލަން ބޭނުންވާ އާއިލާތަކަށްް އެ ފުރުސަތު ފަހިކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *