Tuesday, 28 July 2026
މާލެ ސިޓީ

މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ މީހުންނަށް ރަސްމާލެއިން ގޯތި ދޫކުރާ އުސޫލު އާންމުކޮށްފި

މާލޭގައި ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރަށްވެހިންނަށް ރަސްމާލެއިން ގޯތި ދޫކުރުމަށް ހާއްސަކޮށް، މާލެ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އާ އުސޫލު ސަރުކާރުން ރޭ އާންމުކޮށްފިއެވެ. މި އުސޫލުގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ހިމެނޭހެން ދެ ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ.

އާ އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިންނަށް ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ކޮންމެ ތަނަކުން ވެސް ގޯތި ލިބުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް، މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އަލަށް ހިއްކާ ރަސްމާލެއިންނެވެ.

އަތޮޅުތެރޭގެ މީހުންނަށް ރަސްމާލެއިން ގޯތި ހޯދުމަށް ހުށަހެޅޭނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތްތަކަށެވެ. މި މުއްދަތު ގުނުމުގައި ބަލާނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ އިތުރުން، ޕޮއިންޓް ދިނުމުގައި މާލޭގައި ދިރިއުޅުނު މުއްދަތަށާއި، މިލްކިއްޔާތުގައި ބިމެއް އޮތްތޯ ނުވަތަ ތަރިކައިން ބިމެއް ލިބެން އޮތްތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ގޯތި ދޫކުރުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ އެއްމެދު ގޯއްޗަކުން އެވަރުގެ ބައެއް ލިބިފައި ނެތުން ހިމެނެއެވެ. އަދި ދެމަފިރިންގެ ތެރެއިން އަނެކަކަށް މާލެ ސަރަހައްދުން ބޮޑު ގޯއްޗެއް ލިބިފައި އޮވެގެން ނުވާނެއެވެ. ކުޑަ ބިމެއް އޮތް ނަމަ ނުވަތަ ތަރިކައިން ބިމެއް ލިބެން އޮތް ނަމަ، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ބިން ދޫކޮށްލަން އެއްބަސްވާން ޖެހެއެވެ.

އަންނަ މަހު ހިއްކައި ނިމޭނެ ކަމަށް ލަފާކުރާ ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރެއިން ފުރަތަމަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 15,000 ގޯއްޗެވެ. މި މަޝްރޫއަކީ މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *