ދެ ގައުމުގެ ދިފާއީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިހާރު ސިފައިން ތިބި މަގާމުތަކުގައި މަޑުކުރުމަށާއި، އިތުރު ސިފައިން އެ ސަރަހައްދަށް ނުފޮނުވުމަށް އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން، ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް އެނބުރި ގެދޮރަށް ދިއުމުގެ ފުރުސަތު ދިނުމަށާއި، އެ ސަރަހައްދުގައި ހުރި މައިންތައް ނައްތާލުމަށްވެސް ވަނީ ނިންމާފައެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގައެވެ. އެއްބަސްވުމާ އެއްގޮތަށް 72 ގަޑިއިރު ހަމަވުމުން، ޖުލައި މަހުން ފެށިގެން ތައިލެންޑުގެ ބެލުމުގެ ދަށުގައި ތިބި ކެމްބޯޑިއާގެ 18 ސިފައިން މިނިވަންކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ. މި ކުރިއެރުން ލިބިފައިވަނީ ޗައިނާއާއި އެމެރިކާގެ ބައިވެރިވުމާއެކު ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހުގައެވެ.
ތައިލެންޑުގެ ދިފާއީ ވަޒީރު ނައްތަފޮން ނަކްފަނިތު ވިދާޅުވީ، މި އެއްބަސްވުމަކީ އަނެއް ފަރާތުގެ އިޚްލާސްތެރިކަން ހުރި މިންވަރު ބަލާނެ އިމްތިހާނެއް ކަމަށެވެ. "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އަމިއްލަ ނަފްސުގެ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު ތައިލެންޑަށް ލިބިގެންވޭ،" އޭނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާާ ތާކް ވަނީ މި އެއްބަސްވުމުގެ ސަބަބުން ދާއިމީ ސުލްހައަކަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޔޫރަޕްގެ އިއްތިހާދުންވެސް ވަނީ މި އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުމަށް ދެ ގައުމަށް ގޮވާލާފައެވެ.


