ހިއުމަން ރައިޓްސް ކޮމިޝަން (އެޗްްއާރުސީއެމް) އިން ކުރި އެއްވެސް ދިރާސާއެއްގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ބެލުމުގެ ސުވާލެއް ހިމަނާފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ރޭ ބުނެފި އެވެ.
އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ އަހާފައި ނުވާނެ ކަމަށާއި އަދި އެ ކޮމިޝަންގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުން ދާނީ އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއ،ި ރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
"މި ކޮމިޝަންގެ ފަރާތުން އިސްވެ ދެންނެވުނު ހާލަތާ ހިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
އެޗްއާރްސީއެމްއިން ބުނީ އެ ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ހިންގަމުން ގެންދާނީ އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީ އާއ،ި ޤާނޫނުތަކާއ،ި ރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުޢާހަދާތަކުގެ އިމުގެ ތެރޭގައި ކަމަށެވެ.
އަދި ހުރިހާ ވަގުތެއްގައި ވެސް އިސް ކުރާނީ އިސްލާމީ ޝަރީއަތާއި އިސްލާމް ދީނުގެ ހަމަތަކާއި ދިވެހިންނާއި ދިވެހި ދައުލަތުގެ މަސްލަހަތު ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.


