ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު 94 ދައުވާ ސާބިތުވެއްޖެއެވެ.
ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ، ކޭ ޕާކްގެ ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 104 ދައުވާއެއް ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.
އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމަށް މަންޑޭ ހާޒިރުވެފައިނުވެއެވެ. އެހެންވެ، އޭނާ ހޯދައިދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނެރުނެވެ. އޭގެ ފަހުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރޭ އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
މަންޑޭގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި ޓެކުމުގެ 46 ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ ސާބިތުވި ފުރަތަމަ ފަހަރެވެ.
އެ މައްސަލާގައި ދެން ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ޓެކުމުގެ 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާ އާއި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ އެއް ދައުވާ އެވެ.
އެ މައްސަލާގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެފައިވާތީ، މަންޑޭގެ އެފްޑަބްލިއު ރެޒިޑެންސް އެޕާޓްމަންޓާއި، އެއެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް ޕާކިން ސްލޮޓް ދައުލަތަށް ނެގުމަށް މިއަދު ވަނީ އަމުރުކޮށްފައެވެ.
މި ދަޢުވާތަކާ ގުޅިގެން މަމްދޫހާއި ޖައިޝާނަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.


