Tuesday, 28 July 2026

ޕީއެންސީ ލޯކަލް ކައުންސިލް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށްދާ މި ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ މެނޭޖަރު އަދި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ، މިހާތަނަށް ޕްރައިމަރީގެ ކަންކަން ކުރިއަށްދަނީ ވަރަށް އޮމާންކަމާއެކު ކަމަށެވެ. އަދި ޕާޓީގެ މެންބަރުންގެ ފަރާތުން މި އިންތިހާބަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، މި ޕްރައިމަރީގައި ގާތްގަނޑަކަށް 21,000 މީހުން ވޯޓުލާނެ ކަމަށް ބެލެވޭ ކަމަށެވެ. ވޯޓުލުން ކުރިއަށްދާ ސަރަހައްދުތަކުގައި ކިއޫތައް އޮތް ނަމަވެސް، އެއްވެސް މައްސަލައެއް ނުޖެހި އިންތިޒާމްތައް ކުރިއަށްދާކަމަށް ޕާޓީން ބުނެއެވެ.

"ވަރަށް ބާރަށް ކުރިއަށް އެބަދޭ. ތަރުހީބު ވެސް ވަރަށް ބޮޑު. އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް މި ހުރި ދާއިރާތަކަށް 21,000 އެއްހާ މީހުން ވޯޓު ލާނެ ކަމަށް،" ފަލާހް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ. ޕީއެންސީން މަސައްކަތް ކުރަމުންދަނީ މި ޕްރައިމަރީ މެދުވެރިކޮށް ހުރިހާ ދާއިރާއަކަށް ވަރުގަދަ ކެންޑިޑޭޓުން ނެރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *