ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެހީތެރިވުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޗައިނާ – ރާއްޖެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިކަމަށްޓަކައި ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. ޗައިނާ ސަރުކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު 3 މަޝްރޫޢަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ޔުއާން ނުވަތަ ގާތްގަނޑަކަށް 85 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މުހިއްމު ތިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫއާއި، މާލެ-ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޫއުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތް ތަރައްގީކުރުން ހިމެނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ވަނީ، މި ވޭތުވެދިޔަ ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ޗައިނާއަކީ، ރާއްޖޭގެ ތަރައްޤީގައި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ މި އެއްބަސްވުމާއެކު ސަރުކާރުން އިސްކަންދީގެން މުހިންމު މަޝްރުޢޫތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.


